މިމިސްކިތަކީ ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ތަކެއްޗާއި މަސައްކަތުގެ އަގު ދެއްވައިގެން ޢިމާރާތް ކުރެވިފައިވާ މިސްކިތެކެވެ. މިސްކިތުގެ ބިންގާ އަޅުއްވާ ދެއްވީ 8 އޮކްޓޯބަރ 1988 ގައި އޭރުގެ ރާއްޖެތެރެއާ ބެހޭ ވަޒީރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. މިސްކިތް ނިމި 21 ފެބްރުއަރީ 1992 ގައި ހުޅުއްވާ ދެއްވީ މިނިސްޓަރ އޮނަރަބަލް އަލްފާޟިލް އިލްޔާސް އިބްރާހީމެވެ. މިސްކިތުގެ ބޮޑުމިނަކީ 48’-2” x 46’-3” އެވެ.
މިސްކިތުގެ މަސައްކަތް ކުރެވިފައިވާ ގޮތް
ރަށުއޮފީހުން އިންތިޒާމުކޮށްގެން ރައްޔިތުންގެ މަސައްކަތުން މިސްކިތް އެޅުމަށް ޚާއްޞަ ކުރެވިފައިވާ ގޯތިތެރެ ސާފުކޮށް ފައުންޑޭޝަން ކޯރުކޮނެ ބިމާހަމައަށް ބޮޑުގަލުން ފައުންޑޭޝަން ރާނާ ނިންމިއެވެ. ނަމަވެސް މަސައްކަތަށް ހީނަރުކަން އަންނަމުންދާތީ ރަށުގައި އުފެދިފައިވާ ޒުވާނުންގެ ޖަމްޢިއްޔާއާއި މަސައްކަތް ހަވާލުކުރުމުން އެޖަމްއިއްޔާއިން ބަޔަކު އިސްނަގައިގެން މިސްކިތް ރޭނުމުގެ މަސައްކަތް ފެށިއެވެ. މިގޮތުން ކުރިމަސައްކަތުން ފަސްފޫޓު އުސްމިނަށް ރޭނިފައިވަނިކޮށް އެކަން ކުރުމުގައި ހަރުދަނާ ޤަވާޢިދެއް ހަމަޖެހިފައި ނުވާތީ އަނެއްކާވެސް މަސައްކަތް ހީނަރުވަމުންދާތީ އަލުން ރައްޔިތުންނާ މަސައްކަތް ޙަވާލުކުރެވުނެވެ. މިގޮތުން ރައްޔިތުންކުރި މަސައްކަތުން ދެފޫޓު ބަޔަށް ރޭނިފައިވަނިކޮށް އަނެއްކާވެސް ކުރިން މިސްކިތު މަސައްކަތްކުރި ޖަމްޢިއްޔާގެ މެމްބަރުން މިސްކިތް ރާނާ ނިންމާ ހިޔާކޮށް ވެލިއެޅުމުގެ މަސައްކަތް ކުރެވެމުން ދަނިކޮށް އޭރުގެ މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން އޮނަރަބަލް އަލްފާޟިލް އިލްޔާސް އިބްރާހީމް މާވަށަށް ވަޑައިގެން މިސްކިތުގެ މަސައްކަތް ހިންގަންވާ ހަލުވިމިނުގައި ކުރިއަށް ނުދާކަމަށް ފާހަގަކޮށް އޭރު ރަށުގައި ތިއްބެވި ވެރިންނާ ވާހަކަފުޅު ދައްކަވައި މިސްކިތުގެ މަސައްކަތް އެއްމަސް ދުވަހުގެ ތެރޭގައި ނިންމާދީފިނަމަ މަސައްކަތް ކުރި ބަޔަކަށް މިސްކިތުން ލިބޭ ފައިސާގެ ދެބައިކުޅަ އެއްބައިދީ އަނެއްބަޔަށް މަދުވާ ފައިސާ އެމަނިކުފާނު ހަމަޖައްސަވައިދެއްވައިގެން 40 ކިލޯވޯލްޓުގެ ޖަނަރޭޓަރެއް ރައްޔިތުންނަށް ދެއްވާނެ ކަމުގައި ވިދާޅުވުމާއި ގުޅިގެން ރައްޔިތު އަންހެނުންނާއި ފިރިހެނުން އަދި ހުރިހާ ކުޑަކުދީން ބައިވެރިވެގެން އެއްމަސް ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ކޮށް ނިންމާލިއެވެ.
މިސްކިތް ހުރިގޮތާއި ފެންވަރު ( ފުރަތަމަ އިމާރާތް ކުރެވުނު އިރު)
މިސްކިތް ހެދިފައިވަނީ ރާނައި ދެފަރާތު ސިމެންތި ޖަހާ ކުލަލާ ލަކުޑިން ގެހެރި ހަދައި ދަގަނޑު ހޮޅިން ތަނބުޖަހާ އަޅުން އަޅާ ސިމެންތި ފިލައިން ސީލިންގކޮށް ފުރާޅުގައި ސިމެންތި ޓިނުން ހިޔާކޮށް ތަށްފިލާ ޖަހާ ދިޔަދޮތްވާއި ދޮރުތަކުގައި މޫވަރ ހަރުކޮށް މިސްކިތު އެތެރޭގައި ތަރުފާލު އަޅާ 15 ހޮޅިބުރިއާރި 9 ފަންކާ ލާފައެވެ. އަދި މީގެ އިތުރުން ރައްޔިތުންނާއި ޒުވާނުންގެ ޖަމްޢިއްޔާގެ ޚަރަދުގައި އަޑުގަދަކުރާ ސިސްޓަމެއް ހަރުކުރެވިފައިވެއެވެ.
މިސްކިތުގައި ފުރަތަމަ ތަށިމުށިޖެހުން
މިސްކިތުގައި ތަށިމުށި ޖަހާދެއްވާގޮތަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން މިސްކިތަށް ބޭނުންވާ ތަށިމުށި ރަށަށް ގެނެސްފައިވަނީ 11 އޮގަސްޓް 1999 ގައެވެ. މިސްކިތުގައި މުށިޖެހުމުގެ މަސައްކަތް ފަށާފައިވަނީ 30 ސެޕްޓެމްބަރ 1999 ވީ ބުރާސްފަތި ދުވަހުއެވެ. ތަށިމުށި ޖެހުމުގެ މަސައްކަތް ކޮށްފައިވަނީ ރައްޔިތު ފިރިހެނުންގެ ތެރެއިން މަސައްކަތްތެރި ގުރޫޕެކެވެ. މިސްކިތުގައި މުށިޖެހުމަށްޓަކައި ސަރުކާރުން ތަށިމުށި ދެއްވުމާއި ގުޅިގެން އެމަސައްކަތް ފެށިފައިވަނީ 15 ޖޫން 1997 ގައެވެ. އެވަގުތު ލިބިފައިހުރި ތަށިމުށި ހުސްވުމާ ގުޅިގެން 17 ޖޫން 1997 ގައި މަސައްކަތް ހުއްޓާލަން ޖެހުނެވެ. އަލުން ތަށިމުށި ލިބުމާ ގުޅިގެން މުށިޖެހުމުގެ މަސައްކަތް ފެށިފައިވަނީ 11 އޮގަސްޓް 1997 ގައެވެ. މަސައްކަތް މުޅިން ނިންމާލެވިފައިވަނީ 13 އޮގަސްޓް 1997 ވީ ބުދަ ދުވަހުއެވެ. މިމަސައްކަތް ކޮށްދެއްވީ ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ހިލޭސާބަހަށެވެ. ނަމަވެސް މަސައްކަތް ކުރަމުން ގެންދިޔައިރު އެމީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކެއުމާއި ދުފުން ދެކުނު އަވަށު އަންހެނުންގެ ފަރާތުން ހަދިޔާކުރައްވާފައިވެއެވެ.

