މާވަށު ހުކުރުމިސްކިތް

ހުކުރު މިސްކިތާއި ގުޅޭ މައުލޫމާތު

ލ.މާވަށު ތުނޑީއަވަށު ޢިމާރާތް ކުރެވިފައިވާ ހުކުރު މިސްކިތުގެ ބިންގާ އެޅިފައިވަނީ 21 މާޗް 1952 ގައެވެ. ބިންގާ އަޅުއްވާދެއްވި ބޭފުޅަކު އެނގޭކަށް ނެތެވެ. 39 ފޫޓު އަށް އިންޗި އަދި 39 ފޫޓުގެ މި މިސްކިތް ޢިމާރާތް ކުރެވިފައިވަނީ ރާނައި ލަކުޑިއާއި ވަކަރުން ގެހެރިހަދާ ދަގަނޑު ޓިނުން ހިޔާކޮށް މިހުރާބުގެއަކާއި 3 ފެންޑާގެ މައްޗަށް އެކުލެވިގެންވާ ޢިމާރާތެއްގެ ގޮތުގައެވެ.
މިސްކިތް މަރާމާތު ކުރުން
ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތުގެ މަސައްކަތް ފެށިފައިވަނީ 25 އޭޕްރިލް 1993 ގައެވެ. މިސްކިތް މަރާމާތު ކުރުމުގައި ސަރުކާރާއި ރައްޔިތުން އަދި ޚާއްޞަކޮށް ތުނޑީ އަވަށު އަންހެނުންގެ އެހީތެރިކަމާ އެއްބާރު ލެއްވުން ލިބުނެވެ. މިސްކިތުގެ މަސައްކަތް ރައްޔިތުންގެ ފިރިހެނުން ކުރިނަމަވެސް ޚާއްޞަ ގޮތެއްގައި ހެޔޮއެދޭ ބަޔަކު އިސްނަގައިގެން ކޮށްދެއްވާފައިވާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ.
މިސްކިތް މަރާމާތު ކުރުމަށްފަހު އަލުން ހުޅުއްވާ ދެއްވީ 16 މެއި 1994 ގައި ލ.އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުލް ޢަޒީޒު މޫސާއެވެ.
މިސްކިތު މުށިޖެހުން
މިސްކިތުގައި މުށި ޖެހުމަށްޓަކައި ސަރުކާރުން މުށި ދެއްވުމާ ގުޅިގެން އެމަސައްކަތް ފެށިފައިވަނީ 15 ޖޫން 1997 ގައެވެ. ނަމަވެސް ލިބިފައިހުރި މުށި ހުސްވުމާ ގުޅިގެން 17 ޖޫން 1997 ގައި މަސައްކަތް ހުއްޓާލަން ޖެހުނެވެ.
ހުކުރުމިސްކިތު މުށިޖެހުމުގެ މަސައްކަތް އަލުން ފެށިފައިވަނީ މުށިލިބުމާ ގުޅިގެން 11 އޮގަސްޓް 1998 ގައެވެ. މުށިޖެހުމުގެ މަސައްކަތް އެއްކޮށް ނިންމާ ލެވިފައިވަނީ 13 އޮގަސްޓް 1997 ވީ ބުދަ ދުވަހުއެވެ. މިމަސައްކަތް ކޮށްދެއްވީ ރައްޔިތުންގެ ތެރެއިން މަދު ބަޔަކު އިސްވެ ހިލޭ ސާބަހަށެވެ. ނަމަވެސް މަސައްކަތް ކުރަމުން ދިޔައިރު އެމީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކެއުމާއި ދުފުން ދެކުނު އަވަށު (ތުނޑީއަވަށް) އަންހެނުންގެ ފަރާތުން ހަދިޔާ ކުރައްވާފައި ވެއެވެ. ތަށިމުށި ޖެހުމުގެ މަސައްކަތް ނިމިފައިވަނީ 30 އޮކްޓޯބަރ 1999 ގައެވެ.