މާވަށަށް ޤައުމީޓީވީގެ ޚިދުމަތް ދިނުން
ދިވެހިރާއްޖޭގެ ރަށްރަށަށް ޤައުމީ ޓީވީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދެވި މަޝްރޫޢުގެ ދަށުން، މާވަށުގައި ޓީވީ އެންޓަނާ ބެހެއްޓުމަށް ބޭނުންވާ ކޮންކްރީޓް ބުޑު އެޅުމުގެ މަސައްކަތް ކޮށްފައިވަނީ 21 ފެބްރުއަރީ 1999 ގައެވެ. މި މަސައްކަތަށް ބޭނުންވާ ހިލަޔާއި، ހިލަވެއްޔާއި، ފިލާ ފަދަ ތަކެތި ސަރުކާރުން ފޯރުކޮށްދެއްވިއިރު، އަމަލީ މަސައްކަތުގައި އިސްކޮށް އުޅުއްވީ ރަށު އޮފީހާއި ރަށު ކޯޓުގެ މުވައްޒަފުންނެވެ.
މި ޚިދުމަތް ޤާއިމުކުރުމަށްޓަކައި ސަރުކާރުން ކަނޑައެޅުއްވި ވަފުދުގެ ބޭފުޅުން، ތ. ތިމަރަފުށީ “ލަކިސްޓާ” ބޯޓުގައި މާވަށަށް ވަޑައިގަތީ 1 ސެޕްޓެންބަރު 2000 (3 ޖުމާދުލްއާޚިރާ 1421) ވީ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
މާވަށުގައި ޑިޝް އެންޓަނާ ހަރުކޮށް، ޓީވީ މެދުވެރިކޮށް ޚިދުމަތް ދޭން ފެށުނީ 2 ސެޕްޓެންބަރު 2000 ވީ ހޮނިހިރު (4 ޖުމާދުލްއާޚިރާ 1421) ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ނޯޓު: މި ލިޔުމަކީ މާވަށު ކައުންސިލްގެ އަރުޝީފު ލިޔުންތަކުން ނަކަލުކޮށްފައިވާ މަޢުލޫމާތުކޮޅެކެވެ.